މިދިޔަ ބުދަ ދުވަހުގެ ރޭ މ. ނިރުފެހީގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު، ގައުމުތަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ ފޮރިން މިނިސްޓްރީއާއި އިންޑިއާ އާއި ބަންގްލަދޭޝްގެ އެމްބަސީ ގުޅިގެން ކަމަށެވެ.

އެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ހަތަރު އަންހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ.

މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ފިރިހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަލިފާން ރޯވި އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަނީ ގަރާޖެކެވެ. މީހުން ދިރިއުޅުނީ ގަރާޖު މަތީގައި ހުރި ބައިގަ އެވެ.

ހާދިސާ ހިނގިއިރު، އެ އިމާރާތުގައި 38 ބިދޭސީން އުޅުނެވެ. އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އިމާރާތުން ޖުމްލަ 28 މީހަކު ސަލާމަތްކޮށް މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ ގެ ދަށުން ވަގުތީ ހިޔާވިކަން ވަނީ ފޯރުކޮށްދީފަ އެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ.