ސްރީލަންކާގައި ހުންނަ ޖާވަތާ މިސްކިތުގައި ރާއްޖޭގެ ހަތަރު ދަރިފަސްކޮޅުގެ ލީޑަރުން ފަސްދާނުލާފައިވާ ކަމަށް ވިދާޅުވެ ކޮވިޑް- 19 ގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ތާއީދުކޮށް ރައީސް މުހައްމަދު ނަޝީދު ޓުވީޓު ކުރައްވައިފި އެވެ.
ރައީސް ނަޝީދު ޓުވީޓު ކުރައްވާފައިވަނީ އިއްޔެ މި މައްސަލައާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓު ރިޓްވީޓް ކުރައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެ ގައުމުގެ ދޭތެރޭ މިކަމާ މަޝްވަރާކުރެވޭތީ އުފާކުރައްވާ ކަމަށާއި ސްރީލަންކާއަކީ ރާއްޖޭގެ ވަރަށް ގާތް ގައުމެއްކަމަށާއި ލަންކާއަކީ ރާއްޖޭގެ "ކަޒިން" އެއް ކަމަށެވެ. އަދި ލަންކާގެ ރައްޔިތުން ރާއްޖޭގައި ވެސް ވަޅުލެވޭނެ ކަމަށާއި ހަމަ އެފަދައިން ރާއްޖޭގެ ރައްޔިތުން ލަންކާގައި ވެސް ވަޅުލެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެ ވާހަކަތަކާ ދެކޮޅަށް އެ ޓުވީޓަށް ރައްދު ދީފަ އެވެ. އެގޮތުން މުހައްމަދު ނަޒީފް ކިޔާ މީހަކު ބުނެފައިވަނީ ރައީސް ނަޝީދަށް މިވީ މިޔަންމާގެ އަންގް ސަން ސޫކީއަށް ވީވަރު ކަމަށެވެ.
ސޭވް ދަ މޯލްޑިވްސްގެ ނަމުގައި ރައްދުދިން ފަރާތުން ބުނެފައިވަނީ އެ މީހަކު ނިސްބަތްވާ ދީނެއްގެ ސަބަބުން އެހެން ގައުމެއްގައި ވަޅުލަން ފޮނުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވަނީ އެ ޓުވީޓުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ޓެގް ކޮށްފަ އެވެ.
ރާއްޖޭގެ ހަތަރު ދަރިފަސްކޮޅުގެ ލީޑަރުން ލަންކާގައި ފަސްދާނު ލާފައިވާ ކަމަށް ރައީސް ނަޝީދު އެ ވިދާޅުވަނީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ދީނީ އިލްމުވެރިޔާ ހުސެއިން ސަލާހުއްދީން ފަދަ ބޭފުޅުން ހިމެނެ އެވެ. މިއިން އެއްވެސް ބޭފުޅަކީ ރާއްޖޭގައި އަވަހާރަވެގެން ލަންކާގައި ފަސްދާނުލާފައިވާ ބޭފުޅުންނެއް ނޫނެވެ.
ބޭސްފަރުވާއަށް ލަންކާއަށް ވަޑައިގެން އުޅުވަނިކޮށް އަވަހާރަވުމުން އެބޭފުޅުން ލަންކާގައި ފަސްދާނުލާފައިވަނީ އެވެ.
ބަލަ ބީތާޔާ ލަންކާ އިންޑިޔާ ޕާކިސްތާން މީހުންވެސް ރާއްޖޭގައި ވަޅުލާ....ހަމަ ބުއްދިން ނެއްޓޭ އިރު އިރު ވަގުތު ކޮޅު އައިސްގެންތޯތި އުޅުއްވަނީ.