ކޮވިޑް-19ގެ ހާލަތުގައި ކުރިމަތިވި އިގުތިދީސާ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާއި އެކު ޕްރައިވެޓް ސެކްޓާ އިން ވެސް ކުރި މަސައްކަތުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި، "ގޯލްޑް 100 ގާލާ" ހަފްލާ ޝަރަފްވެރިކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ކޯވިޑް-19ގެ ހާލަތުގައި ސަރުކާރުން އެޅުއްވި އިގުތިސާދީ ފިޔަވަޅުތަކަށް ޕްރައިވެޓް ސެކްޓާއިން ދެއްވި އެއްބާރުލުން ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެގައުމެއްގެ އިގުތިސާދު ބިނާވެފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރ އިން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މުޅިން ޕްރައިވެޓް ސެކްޓަރގެ މައްޗަށް ބިނާވެފައިވާ ސިނާއަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އެއް ސިނާޢަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އިގުތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަންވެސް ނައިބް ރައީސް ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށެވެ. މިގޮތުން ކޮވިޑް-19ގެ ޙާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
މި ހަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ހަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުހައްމަދު ސޯލިހަށް އެވޯޑް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް އެވެ.
"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއާމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީއީއޯ އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.