ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި އެމެރިކާގެ ފޯވަޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތްކާޑާ ގުޅިގެން ލިބުނު ސަސްޕެންޝަން އުވާލަން ފީފާ އިން ނިންމުމާ ގުޅިގެން، ގިނަ ބައެއްގެ ފާޑިކިއުންތައް ފީފާއަށް ވަނީ އަމާޒުވެފަ އެވެ.
ވޯލްޑް ކަޕްގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާގެ މުހިންމު ފޯވަޑެއް ކަމަށްވާ ބަލޮގަންއަށް ރަތްކާޑު ދެއްކީ ބޮސްނިއާގެ ތާރިކް މުހަރެމޮވިޗްގެ ފައި މައްޗަށް އެރުމުންނެވެ. ރަތްކާޑާއެކު އަންނަ އެއް މެޗުގެ އޮޓަމެޓިކް ސަސްޕެންޝަނާއެކު، ވޯލްޑް ކަޕްގެ ގަދަ 16ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަށް ބަލޮގަންއަށް ކުރިން އޮތީ ނުކުޅެވޭ ގޮތަށެވެ.
އެހެން ނަމަވެސް، ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނީ ބަލޮގަންގެ ސަސްޕެންޝަނަށް ފީފާ އިން ލުއި ދީ، އޭނާއަށް ގަދަ 16ގެ މެޗުގައި ކުޅުމުގެ ފުރުސަތު ދިނުމުންނެވެ. އެއް މެޗުގެ ސަސްޕެންޝަން ވަނީ ފީފާ އިން ވަގުތީ ގޮތުން އެއް އަހަރުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ. މި ނިންމުމަށް އެންމެ ބޮޑަށް ތައުރީފްކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ގަދަ 32ގެ މެޗަށްފަހު ޓްރަމްޕް ވަނީ ފީފާގެ ރަޢީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި، ބަލޮގަންއަށް އަށް ދެއްކި ރަތްކާޑު ރިވުއުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"ބޭއިންސާފު ނިންމުމެއް ބަދަލުކޮށް، ގޯހެއް ރަނގަޅުކޮށްދިނީތީ ފީފާއަށް ޝުކުރު އަދާކުރަން،" ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.
މިއީ 1962 ވަނަ އަހަރުގެ ފަހުން، ވޯލްޑް ކަޕްގެ މެޗެއްގައި ރަތްކާޑެއް ހޯދި ކުޅުންތެރިއެއް، ޖެހިގެން އަންނަ މެޗުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ބްރެޒިލްގެ ގަރިންޗާއަށް ރަތްކާޑު ދެއްކި ނަމަވެސް، ފައިނަލްގައި އޭނާއަށް ކުޅެވުނެވެ. އެކަމަކު އޭރު ފީފާގެ ގަވައިދުގައި ރަތްކާޑެއް ދެއްކިޔަސް، އޮޓަމެޓިކް ސަސްޕެންޝަނެއް ނާދެއެވެ. އޭރު ރަތްކާޑަކާ ގުޅިގެން ކުޅުންތެރިއެއް ސަސްޕެންޑްކުރަނީ ކޮމެޓީއަކުން ބެލުމަށްފަހު އެވެ.
މި ނިންމުމަށް ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ގާސިއާ ބުނީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މީގެ ކުރިން މިފަދަ ކަމެއް ނުހިނގާ ކަމަށެވެ.
ފީފާގެ ނިންމުމަށް ޔޫރަޕް ފުޓްބޯޅައިގެ މައި ޖަމިއްޔާ ޔުއޭފާއިން ވަނީ ފާޑުކިޔައިފައެވެ. ޔުއޭފާ އިން ބުނީ ގަވައިދުތަކާމެދު ޔަގީންކަން ގެއްލިއްޖެނަމަ، މުބާރާތެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުންވެސް ފުޓްބޯޅައިގެ ގިނަ ފަރާތްތަކަކުން ދަނީ ފީފާގެ ނިންމުމަށް ފާޑުކިޔަމުންނެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސް
ރާއްޖެއިން ފޭކް ޑާޒަލެކްސް އިންޖެކްޝަންތަކެއް ފެނިއްޖެ
ހާލަންޑްގެ ދެ ލަނޑާއެކު ބްރެޒިލް ކަޓުވާލައި، ނޯވޭ ކުއާޓާ އަށް