ތާރު އަޅައިގެން މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފި އެވެ.

އާރުޑީސީން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ބާރަ ވަނަ ދުވަހު ވަނީ ފަށާފަ އެވެ.

މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ

އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަހައްދެކެވެ. މި ސެގްމަންޓުގެ މަސައްކަތް ފެށުމުގެގޮތުން އެ ސަރަހައްދުގެ ގާތައް ނެގުމުގެ މަސައްކަތް އާރްޑީސީން އަންނަނީ ކުރަމުންނެވެ.

އާރްޑީސީއިން ބުނީ މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަހައްދެއްގެ ވެލިގަނޑު ލެވެލްކޮށް އާއްމުނަށް ހުޅުވާލާގޮތަށްކަމަށެވެ. އަދި ތާރު އަޅާނީ ބިލަބޮންގ ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހުކަމަށް އާރްޑީސީއިން ހާމަކުރެ އެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެ އެވެ. މި މަސައްކަތް ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ އަގު 84 މިލިއަން ރުފިޔާއަށް އަރަ އެވެ.