ރާއްޖޭގައި ދެވަނައަށް އުފެދުނު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމުގެ މަސައްްކަތް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އެ ޕާޓީއަށް 3000 މެންބަރުން ހަމަކުރަން ދިން މުއްދަތުގެ ތެރޭގައި އެކަން ކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން އެ ޕާޓީ އުވާލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުއާދު ވިދާޅުވި އެވެ.

ޑީއާރްޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި ޕާޓީއެކެވެ. އެ ޕާޓީގެ ޒައީމުގެ ގޮތުގައި ހުންނަވަނިކޮށް ޕާޓީން އެމަނިކުފާނު ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ އޭރު ޕާޓީގެ ލީޑަރު ކަމުގައި ހުންނެވި އަހްމަދު ތަސްމީން އަލީއާ މައްސަލަ ޖެހިގެންނެވެ.

އެއަށްފަހު އެމަނިކުފާނު އިސްވެ އުފެއްދެވީ ޕީޕީއެމްއެވެ. ޑީއާރްޕީ ދޫކުރައްވައި ތަސްމީނާއި އޭނާގެ ގާތް ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ލީޑަރު ކަމާ ފަހުން ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. އެއަށްފަހު އޭނާ ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. އޭގެފަހުން ލީޑަރު ކަމާ ހަވާލުވެވަޑައިގަތީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.