ކަނޑަށް އެޅޭ ތެޔޮ ސާފުކުރާ އުޅަނދެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފި އެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެ އުޅަނދު އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި ވެސެލްއާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި ބަދަހި ގުޅުން ފާހަގަކުރައްވައި، އެ ޤައުމުން ވެދެއްވާ ދީލަތި އެހީތަކަށް ޝުކުރު ދަންނަވާފައެވެ. ހަމައެއާއެކު، ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރެއްވި އޮއިލް ބޫމް ވެސަލް ވެގެންދާނީ، ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޖަޕާނުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޤައުމެއްކަމަށާއި، އޭގެތެރޭގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައާއި، ތަޢުލީމީ ދާއިރާއާއި، ހެލްތު ކެއަރ އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާތަކުން އެ ޤައުމުން ގިނަގުނަ އެހީތެރިކަން ވެދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން މާލެ ވަށައިގެން ލެވިފައިވާ ބޭރުތޮށި ލުމުގެ މަސައްކަތަކީ ޖަޕާނުން ވެދެއްވާފައިވާ ފާހަގަކޮށްލެވޭ އެހީތެރިކަމެއްކަން ފާހަގަކުރައްވައި، ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވީ ވެސް ޖަޕާނުގެ ދުރުވިސްނުމާއެކު ބިނާ ކުރެވިފައިވާ އެ ބޭރު ތޮށީގެ ސަބަބުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. މީގެ އިތުރުން ޖަޕާނުގެ ފޮރިން އެފެއާޒުގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރަސްމިއްޔާތަށްފަހު، ޢިއްޒުއްދީން ޖެޓީ ސަރަހައްދުގައި އޮއިލް ބޫމް ވެސެލްގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފަ އެެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.