މާލޭ ގެއަކުން އަގުހުރި ގުރައެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

އެ މީހާގެ ފޮޓޯ އާންމުކުރަމުން ފުލުހުން ބުނީ މިއަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން އޭނާ ވަނީ 3.500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައި ކަމަށެވެ.

މި މައްސަލައަކާ ހޯދާ މީހާ އަކީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެގޮތުން ފުލުހުން ވަނީ ފޮޓޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ފުލުހުން މީގެ ކުރިން އިލްތިމާސްކޮށްފައިވެ އެވެ.