މާފުށީ ޖަލުގައި 130 މީހުންގެ ޖާގައިގެ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމްގެ އަށް ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ޖަލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން މިހާތަނަށް 220 ޖާގަ އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީގައި ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މީގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ހިދުމަތްތަކަށް އިންޤިލާބީ ބޮޑު ބަދަލުތަކެއް އަންނާނެކަމަށެވެ.
"ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ހާއްސަކޮން މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އިސްވެހުރެ ކަރެކްޝަންގެ އެންމެ އިސްބޭފުޅުން ބައިވެރިވެގެން އަދި ރާއްޖޭގައި ތިބި ޖަލުތަށް ޑިޒައިން ކުރުމުގެ ގާބިލްކަން ލިބިގެންވާ ބޭފުޅުން ހޯދާގެން އިތުރުން ތަންތަނަށް ގޮސް ތަޖުރިބާއާއެކުގައި ޑިޒައިން ކޮއްގެން ފުރަތަމަ ފަހަރަށް ހައި ސެކުއިރިޓީ ޖަލެއް ރާއްޖޭގައި ބިނާ ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި،" އިމްރާން ވިދާޅުވިއެވެ.
ހދ. ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް ހެދުމަށް މިދިޔަ އޮކްޓޫބަރު މަހު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެ ޖަލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެއީ ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމު ތަކާއެކު ހަދާ ޖަލެއް ކަމަށެވެ.