ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހަކު ގެއްލިއްޖެ އެވެ.

ފުލުހުން ބުނީ ޑިސެމްބަރ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، އާއި ބަނގްލަދޭޝްގެ މުހައްމަދު ލިޓަން 35، އެވެ.

މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.