ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް ރާއްޖެއިން ފެނިފައިވީ ނަމަވެސް، އެ ބޭހަކީ ރާއްޖޭގެ އެއްވެސް ބޭސް ފިހާރައެއްގައި ވިއްކާފައިވާ ނުވަތަ ހުރި ބޭހެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މި ބޭހާ ގުޅޭގޮތުން ނެރުނު އެލާޓުގައިވާ ގޮތުން، "ޑާޒަލެކްސް" އަކީ ކަށީގެ މަދު ނުވަތަ ބޯންމެރޯ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ. މި ބޭހުގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއާއި މެކްސިކޯއިން ފެނިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.
މި ފޭކް އިންޖެކްޝަނަކީ ރާއްޖެއިން ބޭރުން ކެންސަރުގެ ފަރުވާ ހޯދަމުންދިޔަ ބަލިމީހަކު، އޭނާގެ ޕްރިސްކްރިޕްޝަނަށް ރާއްޖެއިން ބޭރުން އަމިއްލައަށް ގެނައި އެއްޗެއް ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. މި އިންޖެކްޝަން ޖެހުމުގެ ކުރިން ޑޮކްޓަރަށް ދެއްކުމުގެ މަރުހަލާގައި، އެއީ ފޭކް އެއްޗެއްކަން ފާހަގަވެގެން ޓެސްޓު ކުރިއިރު، އެއީ އަސްލު ބޭސް ނޫންކަން ވަނީ ކަށަވަރުވެފަ އެވެ. ނަސީބަކުން އެ ބަލިމީހާގެ ގަޔަށް އެ އިންޖެކްޝަން ޖަހާފައެއް ނުވެއެވެ.
ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި، މި ބޭހުގެ ފެންވަރު ދަށް އުފެއްދުންތަކެއް ބޭނުންކުރުމަކީ ބަލިމީހާގެ ފަރުވާ ލަސްވެ، ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. އެ ޖަމިއްޔާއިން ވަނީ އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ MYS7381 އަދި STV1K01 ނަންބަރު ޖަހާފައިވާ ބެޗްތަކަކީ ފޭކް ބެޗްތަކެއްކަން ކަށަވަރުކޮށްފަ އެވެ.
އެހެންކަމުން، މި ނަންބަރުތައް ޖަހާފައިވާ "ޑާޒަލެކްސް" ބޭސް އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"ހުޅުމާލޭ ގޯތިތަކުގައި ވިޔަފާރިކުރެވޭނެ މަގުފަހިކުރަންޖެހޭ"
ރާއްޖެއިން ފޭކް ޑާޒަލެކްސް އިންޖެކްޝަންތަކެއް ފެނިއްޖެ
ސެކިޔުރިޓީ ކަނޑާލިޔަސް މުޒާހަރާކުރާނަން: ނަޝީދު