ދެ މީހުންނާއެކު ވިލިމާލެއިން ދަތުރު ކުރި ތެޔޮ ބޯޓު އޮޔާދަނިކޮށް ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު އޮޔާދަނިކޮށް އެއާޕޯޓް ނެރު ކައިރިން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ދެ މީހުން އަދިވެސް ނުފެނެ އެވެ.

އެ ދެ މީހުން ތެޔޮ ބޯޓުގައި ވިިލިމާލެއިން ފުރީ ޑިސެމްބަރ 28 ވަނަ ދުވަހުގެ ރެ އެވެ. އޭގެފަހުން އެ ދެ މީހުންގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45، އާއި ބަނގްލަދޭޝްގެ މުހައްމަދު ލިޓަން 35، އެވެ.

މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.