މިއަދު ހެނދުނު ނީލަން ފިހާރަތަކުގައި ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ފަހުން ކޮންޓްރޯލްކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފްއިން ކުރި މަސައްކަތުން ހެނދުނު 8:00 އެހާކަންހާއިރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.

ނީލަން ފިހާރައިގެ އުތުރުފަޅިން ރޯވި މި އަލިފާންގަނޑު ނިއްވާލުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީ ވެސް ހަރަކާތްތެރިވެފައިވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭއިރު، ފުލުހުން ދަނީ އެ އެކަން ތަހުގީގު ކުރަމުންނެވެ.

ނީލަން ފިހާރަތަކުގައި ރޯވި ހާދިސާގައި ލިބުނު ގެއްލުންތައް ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. ފޮޓޯ: ސިޓީ ކައުންސިލް

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޕްލޭންތަކެއް ހަދަމުންދާ ކަމަށެވެ. އަދި އެ ޕްލޭންތައް އެކުލަވާލަމުން ދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަޑައިގެން އެތަން ބެއްލެވި އެވެ.

ނީލަން ފިހާރަތަކުގައި ރޯވި ހާދިސާގައި ބޮޑު ގެއްލުމެއް ލިބުނު މާލެ ސިޓީ ކައުންސިލްގެ ލޭބަ ކުއާޓަރު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. ފޮޓޯ: ސިޓީ ކައުންސިލް

ޑިފެންސް މިނިސްޓަރު ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލްކުރެވި، އިތުރަށް ނުފެތުރޭނެ ކަމަށް ފަޔާ ފައިޓަރުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ފުލުހުން ޓޯކުރާ ވެހިކަލްތައް ވެސް ބަހައްޓާފައި ހުންނަނީ ނީލަން ފިހާރަތަކާ އިންވެގެން އިރަށް އޮންނަ ކޮށީގަ އެވެ. މި ހާދިސާގައި އެތަނުގައި ހުރި ވެހިކަލްތަކަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އެނގިފައެއް ނުވެ އެވެ.

https://www.youtube.com/watch?v=6g2VLKpmoc0

ނީލަން ފިހާރަތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާދުއްދީން ސްކޫލްގެ ކިޔެވުން މިއަދު މެދުކަނޑާލާފައިވެ އެވެ.

ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާ ހިނގިއިރު، އެތަނާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ގިނަ އަދަދެއްގެ މުވައްޒަފުން ތިއްބެވެ. އަދި ނީލަން ފިހާރައިގައި ރޯވިކަން އެނގުމާއެކު އެ އެންމެން ވަނީ އެ ތަނުން ނެރެ އިމާދުއްދީން ސްކޫލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ލޭބަ ކުއާޓަރުގައި ތިބި މީހުން އިމާދުއްދީން ސްކޫލް ގޯތި ތެރޭގައި މަޑުކޮށްލައިގެން. ފޮޓޯ: ސިޓީ ކައުންސިލް

އެ ސަރަަހައްދުގައި މީގެ ކުރިން އެކި ފަހަރު މަތިން އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގައި، އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.