ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިތީ ބިންތާ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ހަދާފައިވާ އޭނާގެ ފޭކް ވީޑިއޯތަކާއި (ޑީޕްފޭކްސް) އަދި ހުއްދަނެތި އޭނާގެ ސިފަ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ އެކި ކޮންޓެންޓްތަކާ ދެކޮޅަށް ބޮމްބޭ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ ގޫގުލް އަދި މެޓާ ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް، މިފަދަ ކޮންޓެންޓްތައް އިންޓަނެޓުން ނެގޭނެ އުސޫލެއް އެކުލަވައިލުމަށް އަންގާފަ އެވެ.

ޕްރިތީ ކޯޓަށް ހުށަހެޅި މައްސަލާގައި ގޫގުލް އާއި މެޓާގެ އިތުރުން ބައެއް ވެބްސައިޓްތައް ރެޖިސްޓްރީ ކޮށްދޭ ކުންފުނިތަކާއި، އޭނާގެ ސިފަ ހުއްދަނެތި ބޭނުންކުރާ ވަކިވަކި ފަރާތްތައް ހިމަނާފައިވެ އެވެ.

ޕްރިތީގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ސީނިއާ އެޑްވޮކޭޓް ވެންކަޓޭޝް ދޮންޑް ވިދާޅުވި ގޮތުގައި، އޭއައި ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން މިހާރު ހަދާ ޑީޕްފޭކް ވީޑިއޯތަކަކީ އަސްލެއްތޯ ނުވަތަ ފޭކެއްތޯ އާންމުންނަށް ވަކިކުރަން ވެސް އުނދަގޫވެ އެވެ.

މިފަދަ ޓޫލްސްތައް ބޭނުންކޮށްގެން ޕްރިތީގެ މޫނާއި އަޑު ހިމަނައިގެން ފޭކް އިޝްތިހާރުތަކާއި، ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ އިތުރުން އެކި ކަހަލަ ޗެޓްބޮޓްތައް ވެސް ޔޫޓިއުބް، އިންސްޓަގްރާމް އަދި ފޭސްބުކްގައި ދައުރުވަމުންދާ ކަމަށް މައްސަލާގައިވެ އެވެ. މިއީ އޭނާގެ ޒާތީ މިނިވަންކަމާއި އަދި އަބުރަށް އަރައިގަތުން ކަމަށް ޕްރިތީގެ ގާނޫނީ ޓީމުން ފާހަގަކުރި އެވެ.

ގޫގުލް އަދި މެޓާގެ ވަކީލުން ކޯޓުގައި ވިދާޅުވީ، ޕްރިތީގެ އަބުރަށް އުނިކަން އަންނަ ނުވަތަ ބޭއަދަބީ ގޮތަކަށް ހަދާފައިވާ ކޮންޓެންޓްތަކުގެ ވަކިވަކި ލިންކްތައް ހިއްސާކޮށްފި ނަމަ، އެ ތަކެތި ނަގައިދޭން އެ ކުންފުނިތަކުން ތައްޔާރަށް ތިބި ކަމަށެވެ.

ނަމަވެސް، އިންޓަނެޓުގައި ދައުރުވާ ހުރިހާ އެއްޗެއް މޮނިޓާކޮށް ބެލެހެއްޓުމަކީ އަމަލީ ގޮތުން ކުރަން އުނދަގޫ ކަމަކަށް ވާތީ، މުޅި ޕްލެޓްފޯމްތަކަށް ހިނގާ ފަދަ ފުޅާ އަމުރެއް ނެރެނުދިނުމަށް އެ ކުންފުނިތަކުން އެދުނެވެ.

މި މައްސަލަ ބެއްލެވި ޖަސްޓިސް މަދަވް ޖާމްދާރު ވިދާޅުވީ، މިއީ ހަގީގަތުގައި ވެސް ސީރިއަސް އަދި ރައްކާތެރިކަން ދޭންޖެހޭ މައްސަލައެއް ކަމަށެވެ. ނަމަވެސް ކޯޓުން ނެރޭ އަމުރެއްގެ ސަބަބުން، ގާނޫނީ އިމުގެ ތެރެއިން ހިންގާ ކަންކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ވިދާޅު ވިއެވެ.

އެހެންކަމުން، ޕްރިތީގެ ގާނޫނީ ޓީމާއި، ގޫގުލް އަދި މެޓާ ފަދަ ކުންފުނިތައް ގުޅިގެން މަޝްވަރާކޮށް، އާންމުންގެ މިނިވަންކަމަށް ބުރޫ ނާރާނެހެން، މިފަދަ ފޭކް ކޮންޓެންޓްތައް ފަސޭހައިން ރިޕޯޓްކޮށް އިންޓަނެޓުން ނައްތާލެވޭނެ އަމަލީ ނިޒާމެއް ފަރުމާ ކުރުމަށް ފަނޑިޔާރު ވަނީ އަމުރު ކުރައްވާފަ އެވެ.

މި މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުން ޖުލައި ހަ ވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފަ އެވެ. ޕްރިތީގެ އިތުރުން، ބޮލީވުޑްގެ ގިނަ ތަރިންތަކެއް (އޭގެ ތެރޭގައި ކާތިކް އާރްޔަން، އަކްޝޭ ކުމާރު އަދި އަރިޖިތު ސިންގް ފަދަ ފަންނާނުން) ވަނީ މީގެ ކުރިން މިފަދަ އޭއައި އޮޅުވާލުންތަކާ ދެކޮޅަށް ކޯޓުން ހިމާޔަތް ހޯދާފަ އެވެ.