މާފަންނު އޯކިޑްމަގުގައި ހުންނަ އިވްނިން ކެފޭގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

އެމްއެންޑީއެފް އިން ބުނީ އިވްނިން ކެފޭ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 6:18 ގައި ކަމަށް ވެސް ސިފައިން ބުންޏެވެ.

މި ހާދިސާގެ މާބޮޑު ތަފުސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.

ނަމަވެސް "ހުރިހާ"އަށް ލިބިފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކެފޭގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އަދި ރޯވެފައިވާ ތަނުން އަރާ ދުންގަނޑު ވަރަށް ދުރަށް ފެނެ އެވެ.

އިވްނިން ކެފޭއަކީ އިންޑިއަން ފުޑަށް ހާއްސަކޮށްގެން ބިދޭސީންތަކެއް އިސްވެ ތިބެ ހިންގާ ރެސްޓޯރަންޓެކެވެ.

އިވްނިން ކެފޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު އިން މިރޭ ކުރަނީ. ފޮޓޯ: އެމްއެންޑީއެފް

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށެވެ. އަދި އެތަނާ ޖެހިގެން ހުރި އިމާރާތެއްގައި ވެސް ރޯވެފައިވާ ކަމަށް އެ މީހާ ބުންޏެވެ.

އޭނާ ބުނީ އިވްނިން ކެފޭގެ ފުރަގަހުގައި އޮންނަ އިރާކު މަގާއި ކެފޭގެ ވަށައިގެން ހުރި ގެތަކުން މިހާރު މީހުން ހުސްކޮށްފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރުކޮށްގެން ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ސަރަހައްދުގައި ހުރި މީހާ ބުންޏެވެ.

އޭނާ ބުނީ އަލިފާންގަނޑު އަދިވެސް މުޅިން ކޮންޓްރޯލްކުރެވުނު ކަމެއް ނޭނގޭ ކަމަށާއި ފަޔާ އެންޑް ރެސްކިއު އިން އެތަނަށް ފެން ޖަހަމުން އަންނަ ކަމަށް އެ މީހާ ބުންޏެވެ.

ތަފުސީލް އަންނަނީ ---