ވެލާނާ އިންޓަނޭޝަން އެއާޕޯޓުން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައި މީހާގެ އަތުން ފެނުނު މަސްތުވާތަކެއްޗަށް ވީގޮތް ބުނެނުދީ، އެކަން ރިޕޯޓްކުރުމުން މީޑިއާތައް ކުށްވެރިކޮށް ކަސްޓަމްސް އިން ބަޔާނެއް ނެރެފި އެވެ.

މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ކަސްޓްމަސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އޭނާ ހަވާލުކުރިއިރު، ކަސްޓަމްސްއިން އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް އޭނާ އައިއިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި، ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

މިކަން މީޑިއާތަކުގައި ރިޕޯޓް ކުރުމުން ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވަނީ އެއިދާރައަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުންނާއި ކަސްޓަމްސްގެ ސަވެއިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާފާސްކޮށް އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުހަލާއިގައި ޓެސްޓްކުރުމަށްފަހު މަސްތުވާތަކެއްޗާއި އެކަމުގެ ޝާމިލުވާ ފަސިންޖަރު ފުލުހުންނާ ވަގުތުން ހަވާލުކުރާ ކަމަށެވެ.

އަދި މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ. ނަމަވެސް ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި މީހާ ގެނައި 30 ކިލޯގެ އިތުރު ލަގެޖަށް ވީގޮތެއް ކަސްޓަމްސް އަކަށް ބުނެނުދެވުނެވެ.

މި މައްސަލަ ބަލަމުން އަންނަނިކޮށް، އިއްޔެ ވަނީ 16 ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި މީހަކު ވެސް އަތުލައިގަތް ފަހުން ގެއްލިފަ އެވެ. އޭނާގެ ލަގެޖަަށް ވެސް ވީގޮތެއް ނޭނގެ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެލަގެޖް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެއާޕޯޓްގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.