އެތައް އަހަރަކަށް ފަހު ހދ. ހަނިމާދޫއިން 200 ގޯތި ދޫކޮށްފި އެވެ.

ހަނިމާދޫގެ ކައުންސިލް މެމްބަރު ފިރާގު މުހައްމަދު ވިދާޅުވިގޮތުގައި އެ ރަށުން 200 ގޯތި ދޫކޮށްފައިވާއިރު، އެ ފަރާތްތަކަށް ގޯތި ދީފައި ވަނީ ގުރުއަތު ލައިގެންނެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ހުރިހާ ލިޔެކިޔުންތަކާ އެކު ގޯތި ލިބުނު ފަރާތްތަކާއި 200 ގޯތި ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަހު 16ގައި ހުރިހާ ލިޔެކިޔުންތަކާއެކު 200 ގޯތި ހަވާލުކޮށްފަ ވާނެ،" ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވިގޮތުގައި ގޯއްޗަށް ހުޅުވާލުމުން ޖުމުލަ 609 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި ގޯތި ދޫކޮށްފައިވަނީ 12 އަހަރު ފަހުންނެވެ. އަދި އިތުރަށްވެސް ގޯތި ދޫކުރަން ރާވާފައިވާކަމަށާއި، ސަރުކާރުން އެރަށުުގައި އަޅާ 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ހަނިމާދޫގެ ދެ ސަރަހައްދަކުން ދޫކޮށްފައިވާ 200 ގޯއްޗަކީ 3000 އަކަފޫޓުގެ ގޯތިތަކެކެވެ.