އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވުރެ ފަސޭހަކޮށް، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ހަރުގޭގައި މިރޭ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ޕްރަމަރީ ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި މި ޕްރައިމަރީއާއެކު އެމްޑީޕީން އަނެއްކާ ވެސް ދައްކުވައި ދިނީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް ކަމަށާއި، އެ ޕާޓީއަކީ ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ނަމޫނާ ދައްކާ ޕާޓީއެއްކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީ ނިމުމާއެކު ހަގީގީ މަސައްކަތް ފެށުނީ ކަމަށެވެ. އަދި މިވަގުތު ކުރަންވީ ކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީއެކުގައި މަސައްކަތް ކުރުން ކަން ފާހަގަކުރައްވާ، އެމަނިކުފާނުގެ ވާދަވެރިންނަށް އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ ގޮވާލައްވާފަ އެވެ.

"މިރޭ އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެންގެ ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ ވާދަވެރިކަން މި ނިމުނީއޭ. ދެން ނިކުންނަންވީ އެކަތިގަނޑެއްގެ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން. ވާދަވެރި އިންތިޚާބެއްގައި ހުންނާނެ ކަންތައްތަކެއް. ކޮންމެހެން ފެންނަން ބޭނުންވާ ނުވާކަންކަންވެސް ހުންނާނެ. އެެހެންނަމަވެސް އަޅުގަނޑުގެ ހިތުގައި އެކަމެއްނެތް. މިގޮވާލަނީ އެކުގައި މަސައްކަތްކޮށް އިންތިޚާބު ކާމިޔާބުކުރުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިރޭ އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެންގެ ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ ވާދަވެރިކަން މި ނިމުނީއޭ. ދެން ނިކުންނަންވީ އެކަތިގަނޑެއްގެ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން. ވާދަވެރި އިންތިޚާބެއްގައި ހުންނާނެ ކަންތައްތަކެއް. ކޮންމެހެން ފެންނަން ބޭނުންވާ ނުވާކަންކަންވެސް ހުންނާނެ. އެެހެންނަމަވެސް އަޅުގަނޑުގެ ހިތުގައި އެކަމެއްނެތް. މިގޮވާލަނީ އެކުގައި މަސައްކަތްކޮށް އިންތިޚާބު ކާމިޔާބުކުރުމަށް،
ރައީސް ސޯލިހު

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި ކުރިއަށްދާ ބައެއް ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރި ނަމަވެސް އޮންނާނީ އެއް މަގުސަދެއް ކަމަށާއި، އެއީ ރައްޔިތުންނަށް ހަމަޖެހުމާއި، ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުންކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ޕްރައިމަރީއަށްވުރެ ފަސޭހައިން ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު ރައީސް ސޯލިހު ސަޕޯޓަރުންނާއި އެމްޑީޕީގެ ހަރުގޭގައި މިރޭ ބައްދަލުކުރައްވަނީ.

"އަޅުގަނޑު މި ގޮވާލަނީ ހުރިހާ ބޭފުޅުންވެސް ވަޑައިގެން އަޅުގަނޑުމެންނާއެކީގައި އެމްޑީޕީ ކުރިއަށް ގެންދިއުމަށް މި ކުރާ މަސައްކަތުގައި ބައިވެރިވުމަށް. އަޅުގަނޑު މި ޕްރައިމަރީގައި ރާއްޖޭގެ ވަރަށް ގިނަ ތަންތަނަށް ދަތުރު ކުރިން. އަޅުގަނޑަށް ފެންނަގޮތުގައި މި ނިމިދިޔަ ޕްރައިމަރީއަށް ވުރެ ފަސޭހައިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ. އެއީއަކީ އަޅުގަނޑަކަށް ޝައްކެއް އޮތްކަމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޕާޓީތެރޭގައި ހުރި ބައެއް ޚިޔާލު ތަފާތުވުންތަކަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މިއީ އެކަންކަން ހަނދާން ނައްތާލުމަށްފަހު އެމްޑީޕީ އެކަތިގަނޑެއްގެގޮތުގައި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

އެމްޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އިންތިޚާބު، ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވައި، ރައީސް ސޯލިހު ކާމިޔާބުކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކާއެކު އެވެ.