ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔަމީން ކަމަށާއި އެމަނިކުފާނުގެ ނަންފުޅު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މާތްރަސްކަލާނގެ އިރާދަކުރައްވާ ކަމެއް ވަގުތު ޖެހުމުން ލަހެއް ފަހެއްނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވެރިކަން ބޭނުންވެގެން އުޅޭ ބޭފުޅަކު ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގައި ނެތް ކަމަށާއި އެންމެން ވެސް ބޭނުންވަނީ ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"މިބޭފުޅުން އައިސް މިތާގައި މި ތިއްބަވަނީ އެބޭފުޅުން އެ ވިދާޅުވަނީ ރައީސް ޔާމީން އޭ ވެެރިކަމަށް ގެންނަން މިއުޅެނީ، އެ ނޫން ޗޮއިސް އެއް ބޭނުމެއް ނޫނޭ. ހެޔޮވެރިކަމުގެ ނިޒާމް މިގައުމުގައި ގާއިމްކުރެއްވީ ރައީސް ޔާމީނޭ. އެގަޓު ހުރި އެ ހިތްވަރު ހުރި އެ ކެރުން ހުރި އެ ތަސައްވަރު ހުރި ލީޑަރަކަށޭ ތިމަންނަމެން ތާއިދުކުރަނީ. ވެރިކަން ބޭނުންވެގެން ނޫނޭ މިތަނަށް އައިސް މި ތިބީކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވިދާޅުވީ ޔާމީން ނޫން އެހެން އެއްވެސް ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށެވެ.
"މި ޕާޓީގެ ރައީސަކީ ރައީސް ޔާމީން. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް، ދޫންޏަކަށް ބާއްޖެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް. ނުލިބޭނެ. އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް،" ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ އިތުރު އެއްވެސް މަސައްކަތެއް ނުކޮށް ޔާމީން މިނިވަންކުރުމުގެ މަސައްކަތުގައި ހުންނެވުމަށް އަބްދުއްރަހީމްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ކޯލިޝަންގެ އެންމެން ވެސް ތިބީ އަބްދުއްރަހީމާއެކު ކަމަށެވެ.