ކުރިއަށް ބާއްވަން ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކޮންގްރެސްގައި އެޕާޓީގެ ލީޑަރުގެ މަގާމު އުވާލައި ޕާޓީއަށް ރައީސަކު އައްޔަން ކުރަން ނިންމައިފި އެވެ.

ޖޭޕީން ބާއްވާ ކޮންގްރެސްގައި އެ ޕާޓީ ހިންގާ ގަވާއިދު އިސްލާހު ކުރުމުގެ އިތުރުން އެ ޕާޓީގެ ކައުންސިލަށް ބޭފުޅުން ހޮވުން ކުރިއަށްދާނެ އެވެ. އަދި އެއަށްފަހު އާ ކައުންސިލުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް ވެސް ނިންމާނެ އެވެ.

ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ، އެ ޕާޓީގައި ލީޑަރުގެ ބަދަލުގައި ރައީސަކު އައްޔަން ކުރާ ގަވާއިދަށް އެ އިސްލާހު ގެނައުމަށް ޕާޓީން ކައުންސިލް ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ޕާޓީ އުފެދުނިއްސުރެ، ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މެމްބަރުން ބައިވެރިވަނީ. ފޮޓޯ: ޖޭޕީ

އޭގެ އިތުރުން، ޕާޓީގެ ރައީސަކު ހޮވާނީ، ޕާޓީގައި ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމްގެ އިތުރުން އެމަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅަކަށް ކަަމަށް އޭނާ މައުލޫމާތު ދީފައިވެ އެވެ

ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގައި މިވަގުތު ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ އެވެ. ސަރުކާރު ކޯލިޝަންގައި މި ޕާޓީ ހިމެނޭއިރު، މި ޕާޓީއަށް ވަނީ ސަރުކާރުގެ ގިނަ މަގާމްތަކެއް ލިބިފަ އެވެ.