މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫ ފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް އެންމެ ފަހުން ފެނުނީ ވެލާނާ އެއާޕޯޓުން ނަމަވެސް އެއްވެސް ތަނަކަށް ފުރާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އާސިރު އެންމެ ފަހުން ފެނިފައި ވަނީ ގެއްލުނު ރޭގެ 7:20 ހާއިރު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ކަމަށެވެ. އަދި ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން އެއާޕޯޓަށް ފައިބާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށެވެ.

އެހެން ނަމަވެސް ޢެއްވެސް އެއާ ލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ވެސް ގޮސްފައި ނުވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އާސިރު ހޯދުމަށް އެއާޕޯޓުގައި ހަރުކޮށްފައިވާ އެކި ކެމެރާތަކުގެ 150 ގަޑިއިރަށް ވުރެ ގިނަ ފޫޓޭޖު ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ އެއާޕޯޓަށް ގޮސް ވަންނަ ހިސާބުގައި ކެމެރާއެއް ނެތް ކަމަށާ ދެން ދިޔަ ހިސާބެއް ދެނެގަނެވިފައި ނުވާ ކަމަށެެވެ. އެހެންވެ އެއާޕޯޓުގެ އެކި ސަރަހައްދުތަކާއި އޮޑިދޯނިފަހަރުތައް ބަލައި، އެއްވެސް ތަނަކަށް ދިއުމަށް ބުކިން އެއް ހައްދާފައިވޭތޯ ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޔާސިރު އެރޭ އެއާޕޯޓަށް ދިޔަ ޓެކްސީ ދެނެގަނެވިފައިވާ ކަމަށާ އެ ޓެކްސީ ޑްރައިވަރާ ފުލުހުން ސުވާލު ކޮށްފައި ވާކަމަށް ވެސް ފުލުހުން ބުނެ އެވެ.