ރިޔާސީ އިންތިހާބުގައި ވެވަޑައިގަންނަވާ އެއްބަސްވުންތަކާ ވައުދު ތަކާ ބަޔަކު ހިލާފުވިޔަސް ޖުމްހޫރީ ޕާޓީ އިން އެކަންކަމަކާ ނޫޅޭ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ދަރުބާރު ގޭގައި މިހާރު ކުރިއަށް ދާ އެޕާޓިގެ ހަތަރު ވަނަ ކޮންގްރެސް އަށް ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ނިކުތުމަށް އެދި ހުށަހެޅި ގަރާރުގެ ބަހުސް މޮޑަރޭޓް ކުރައްވަމުން ނެވެ.
މި ގަރާރު ކޮންގްރެސް އަށް ހުށަހަޅަފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އެވެ.
ގާސިމް ވިދާޅުވީ މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކުގައިވެސް ޖޭޕީ އިން ކެންޑިޑޭޓަކު ނެރެމުން އަންނަކަމަށެވެ. މި ގަރާރު ހުށަހެޅުއްވީ ޖޭޕީ އިން ބޭފުޅަކު ނުނިކުންނާނެ ކަމަށް ހީކޮށްތޯ ގާސިމް ވިދާޅުވީ އެވެ.
ގާސިމް ވިދާޅުވީ ކޮންމެ މީހަކަށްވެސް ޖޭޕީގެ މަގާމުތަކަށް ކުރިމަތި ލެވޭނެ ކަމަށާ ކައުންސިލުން އެކަން އެގޮތައް ނިންމައިގެން ކައުންސިލްގެ އަދަދު ހަމަ ކޮށްގެން ކޮންމެ ބޭފުޅަކަށްވެސް ޖޭޕީގެ ޓިކެޓުގައި ވާދަކުރެވިދާނެ ކަމަށެވެ.
ގާސިމް ވިދޅާުވީ އަވަސްއަރުވާލައިގެން ކޯލިޝަން ރޫޅާލާކަށް ޖޭޕީ ނޫޅޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެވަޑައިގަންނަވާ ވައުދުތަކާ ޕާޓީތަކާއި އެކު ކޯލިޝަން ހަދައިގެންވާ އެއްބަސްވުންތަކާ "ބަޔަކު" ހިލާފުވިޔަސް އެކަންކަން ނަގައިގެން ޖޭޕީ އިން ނޫޅޭނެ ކަމަށެވެ.
ރައްޔިތުންނަށް ތަރައްގީ ގެނެސްދީ ރައްޔިތުންނަށް ފައިދާވާގޮތަށް ކަމެއް ކުރާ ނަމަ އެކަމަކަށް ޖޭޕީ އިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޖޭޕީ އަކީ އެއްބަސްވުންތަކާ ހިލާފު ވާނެ ޕާޓީ އެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އަބަދުވެސް ފެންނަމުން މިދަނީ ވެރިކަމަށް ބަޔަކު އައިސް ކޯލިޝަންގެ ވިސްނުންތަކަށް ބަދަލު އަންނަ ތަން ކަމަށް، ޖޭޕީ އަށް އަބަދުވެސް ކުރެވެމުން ދިޔައީ މި ތަޖުރިބާތައް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖޭޕީ އުފެއްދީ ގައުމަށް ހެޔޮގޮތްތަކެއް ހޯދައިދިނުމަށް ކަމާށާ ޖޭޕީ އިން އަބަދުވެސް މަސައްކަތް ކުރާނީ އެގޮތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކޯލިޝަން ހަދައިގެން ވެރިކަމަށް އައީމާ ޖޭޕީ މިދަނީ އަބަދުވެސް ދެވަނަ ފުރުސަތަށް ކަމަށާ ކޯލިޝަންގެ ވިސްނުންތަކާ ދުރަށްދާ މަންޒަރު ކަމަށެވެ. އަދި އެންމެ ރަނގަޅުވާނީ ކޯލިޝަން ހަދައިގެން ދެން ވާ ގޮތުގެ ވަހަކަ ނުދެއްކުން ކަމަށް ގާސިމް ވިދޅާުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވެސް ގާސިމް ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ޖުމްހޫރީ ޕާޓީ އާއެކު ކަމަށާއި އެހެން ނަމަވެސް ޖުމްހޫރީ ޕާޓީ ވަނީ "ކަނދިކަމަނާގެ މަސްތެލުމަށް" ކަމަށެވެ. އަދި ވެރިކަމަށް އާދެވުމަށްފަހު ޖޭޕީގެ އެއްވެސް ދައުރެއް ނޯންނަ ކަމަށެވެ.