އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނުލާ އެ ޕާޓީ ދެމި ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީ ވަނީ ދެ ބައިވެފައި އެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔަބު ލިބުމުން އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވައި، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނިކުންނެވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ގާސިމް ވިދާޅުވީ މީގެ ކުރިން އެމަނިކުފާނު ގޯސްތަކެއް ހެއްދެވުނީ އެކަންކަމުގައި ތަޖުރިބާ މަދުވުމުން ކަމަށާއި ނަމަވެސް މިހާރު އެކަންކަން ރަނގަޅު ކޮށްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ފަހުރުވެރިކަމާއެކު މިބުނާ އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި އޮތީ ރައީސް ނަޝީދު ހުންނެވުމުން ކަމަށެވެ. އަދި ރައީސް ނަޝީދު ނެތް ނަމަ އެމްޑީޕީ ދެމި ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ 2008 ގައިވެސް އިސްލާހީ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާ އެކަމުގައި ވެސް އެންމެ ބޮޑަށް އެހީތެރިވެދެއްވި އެއްބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ ސިޔާސީ މައިދާނުގައި އަބަދުވެސް އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.
ގާސިމް ވިދާޅުވީ ނަޝީދުގެ ދޫފުޅުން ބުނަން އޮތިއްޔާ އޮންނާނީ ހެޔޮ ބަސްފުޅެއް ކަމަށެވެ. އެމަނިކުފާނަށް ވެސް އަދި އެހެން މީހަކަށް ވެސް ކުރި ނުބައިކަމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ޖޭޕީގެ ތާއީދާއެކު ރާއްޖެ ޑިމޮކްރަސީ ހަޔާތުގައި ވެރިކަންކުރި ވެރިޔަކީ ރައީސް ނަޝީދު ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ގާސިމް ވަނީ ނަޝީދާށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ރައީސް ނަޝީދު ވެސް ގެންދަވަނީ ބައެއް ހާލަތްތަކުގައި ގާސިމް ދިފާއު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.