ރ. ދުވާފަރު ކައުންސިލަރުންގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ ބޮޑު މައްސަލައާ ގުޅިގެން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ދުވާފަރު ކައުންސިލްގެ ކޮރަޕްޝަން މައްސަލަ ފެންމަތިވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްޞަ މޮނިޓަރިން ރިޕޯޓަކުން ނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު، ދަޢުވާކޮށްދިނުމަށް ނިންމާފައިވާ އަށް މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.
ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި އަށް މީހުންގެ ތެރޭގައި ހިމެނެނީ ދުވާފަރު ކައުންސިލްގެ ރައީސް ޙަސަން ޙަކީމް، ކައުންސިލްގެ ނާއިބު ރައީސް ޢިޒްމީލް އަޙުމަދު، ކައުންސިލްގެ އޭރުގެ މެންބަރު އަޙްމަދު ސަމޫޙު، ކައުންސިލްގެ މެންބަރު މުޙައްމަދު ޝާމް، ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް، ކައުންސިލްގެ މެންބަރު އާމިނަތު ޞަލާޙު، ސެކްރަޓަރީ ޖެނަރަލް މުޙައްމަދު ނާޞިޙްގެ އިތުރުން ދުވާފަރު ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ، މުޙައްމަދު ޢަލީފުޅު އެވެ.
މި އެންމެންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅުމާއެކު، ހާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދެ މަސްދުވަސްތެރޭގައި މައްސަލައިގެ ތަހުގީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފަ އެވެ. އަދި މިއަދު ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގިކަންކަން އިސްލާހު ކުރުމަށްފަހު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.