އުމުރުން 62 އަހަރުގެ އަންހެން މީހާގެ މަރުގެ މައްސަލައާ ގުޅިގެން ނ. މަނަދުއަށް މީހުން އަރާފޭބުން މަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ބެލިއިރު، އޭނާ ދިރިއުޅޭ ކޮޓަރީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ނައީމް މޫސާ އެވެ.

ނައީމާ ފެނުނުއިރު، އޭނާ އޮތީ އެކަނި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ތަޅުންގަނޑު މަތީ ބަންޑުންނެވެ. އެތަނުގައި ގިނަ އަދަދަކަށް ލޭހުއްޓެވެ. އަދި އޭނާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅިޖަހާފައިއެވެ.

އަދި އޭނާގެ ބޯ ވެސް ބުރިކޮށްލަން ވަނީ މަސައްކަތް ކޮށްފަ އެވެ.

ނައީމާގެ މަރާއި ގުޅިގެން އެރަށަށް އަރާ ފޭބުން މިވަގުތު މަނާ ކޮށްފައިވާއިރު، ފުލުހުންގެ ހާއްސާ ތަހުގީގު ޓީމެއް މިހާރު ވަނީ އެރަށަށް ފުރާފަ އެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ އަންހެން މީހާއަކީ އާއިލާއާ އެހާބޮޑަށް ގުޅުން އޮންނަ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ސިހުރު ހަދާ މީހެއް ކަމަށް އެރަށު މީހުން ތުހުމަތުކުރެ އެވެ.