ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 10 ވަނަ ފަހަރެވެ. މިފަހަރު ފެބްރުއަރީ ތިންވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރި ކަމުގެ ލިޔުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މިދިޔަ މާޗު މަހުގެ 12 ގަ އެވެ. އޭގެފަހުން އެކި ފަހަރުމަތިން އަންނަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަމުންނެވެ. އެންމެ ފަހުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިތުރު ކުރި މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.
މިއަދު ނެރުނު ލިޔުމުގައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑް19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިންވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.