އއ. އުކުޅަހުގައި ބަނދަރުކޮށްފައި އޮތް ސަފާރީއަކުން ބަނގުރާ ބޭލިކަމަށް ތުހުމަތުކޮށްފި އެވެ.
ފަހަކަށް އައިސް އުކުޅަހުން ގިނަ އަދަދަކަށް ބަނގުރާ ފެންނަމުންދާކަމަށް އުކުޅަހުގެ ރައްޔިތުން ޝަކުވާކޮށްފައިވެ އެވެ. އަދި އެރަށުން ގިނަ އަދަދަކަށް ބަނގުރާ ފެންނަނީ ރަށުގައި ބަނދަރުކޮށްފައިވާ ސަފާރީއަކުން ރާ ބާލާތީކަމަށް އެ ރަށުގެ ރައްޔިތުން ތުހުމަތުކުރެ އެވެ.
މި މައްސަލަ ހޫނުވުމުން އާންމުން ވަނީ ރަށުގެ ކައުންސިލް އާއި ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް 'ވަގުތު' ނޫހަށް ދިން މައުލޫމާތުގައި ވިދާޅުވީ ރަށުގެ ރައްޔިތުން ކަންބޮޑުވަނީ އެ ރަށުުގެ ކައިރީގައި މަރާމާތަށްޓަކައި ސަފާރީއެއް ބާއްވާފައި އޮތުމުން ކަމަށެވެ. އަދި ސަފާރީއާ ހެދި ރަށަށް ބަނގުރާ އެތެރެ ކުރާކަމަށް ތުހުމަތުތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކޮށްފައިވެ އެވެ.
އޭނާ އިތުރަށް ބުނިގޮތުގައި އެ ސަފާރީ އުކުޅަހުގައި ބަނދަރުކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. އަދި ރައްޔިތުން މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާތީ، ސަފާރީއާ މެދު ގޮތެއް މިއަދު ނިންމާނެކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.