މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވައްކަމުގެ މައްސަލަތައް ކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 882 މައްސަލައެއް ފުލުހަށް ރިޕޯޓު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 275 މައްސަލައެއް ނިންމާފައިވާއިރު 24 މައްސަލަ ވަނީ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ފުލުހުން ހާމަކުރި ފުރަަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހުގައި މަސްތުވާތަކެތީގެ 69 މައްސަލައެއް ފުލުހުން ވަނީ ދައުވާކުރުމަށް ފޮނުވާފަ އެވެ. މަސްތުވާތަކެއްޗާ ބެހޭ 461 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 77 މައްސަލައެއް ވަނީ ނިންމާފަ އެވެ. އަދި 69 މައްސަލައެއް ވަނީ ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފަ އެވެ.

އެންމެ ގިނައިން ފުލުހުން އަތުލާގެންފައިވާ މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިސް އެވެ. ކެނަބިސްގެ 268 މައްސަލަ ފުލުހުން ބަލާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތައް ހިމެނެނީ މާލެ ސަރަހައްދުންނެވެ. މި މައްސަލަތަކުގައި 331 މީހުން ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި 17 ބިދޭސީން ހިމެނެ އެވެ.

8.8 ކިލޯ ކެނަބިސް ފުލުހުން އަތުލަގެންފައިވެ އެވެ. އަދި ތިން ކިލޯ ކޮކެއިން އާއި ދެ ކިލޯ ހިރޮއިން ފުލުހުން އަތުލައިގެންފައިވެ އެވެ. ދެން އެންމެ ގިނައީ ޓްރެފިކް ވައިލެޝަންގެ މައްސަލަތަކެވެ. 539 އެކްސިޑެންޓު މަގުމަތީގައި ހިނގާފައިވެ އެވެ.

މުޅި ރާއްޖޭގައި ހިނގި އެކްސިޑެންޓުގެ ތެރެއިން 95 އިންސައްތަ އެކްސިޑެންޓް ހިނގާފައި ވަނީ މާލޭގަ އެވެ. މާލޭގައި 516 އެކްސިޑެންޓު ހިނގާފައިވެ އެވެ.