ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު އާއްމުކޮށް މަޝްހޫރުވެފައިވަނީ "ބޭބޯގެ ނަމުންނެވެ. މި ނަން އޭނާއަށް ދެވުނު ގޮތާ މެދު ގިނަ ބަޔަކު ސުވާލު ކުރެ އެވެ.

ކަރީނާގެ އަސްލު ނަން ދެވުނު ގޮތަށް ފުރަތަމަ ބަލާލާއިރު ކަރީނާއަށް ބަލިވެ އިން އިރު އޭނާގެ މަންމަ ބަބީތާ ދިޔައީ ލިއޯ ޓޮލްސްޓޯއީގެ ފޮތް، އެނާ ކެރެނީނާ ކިޔަމުންނެވެ. އަދި އެ ފޮތް ކިޔުމަށް ފަހު ދަރިފުޅުގެ ނަމަކަށް ކަރީނާ ކިޔަން ނިންމީ އެވެ.

ކަރީނާ އަށް ލޯބިން ބޭބޯ ކިޔަން ނިންމީ އޭނާގެ ބައްޕަ ރަންދީރް ކަޕޫރެވެ. ސަބަބަކީ ކަރީނާގެ ދައްތަ ކަރިޝްމާއަށް ލޯބިން ލޯލޯ ކިޔާތީ އެ ނަމާ ގުޅުވައިގެން ނަމެއް ކިޔުމުގެ ބޭނުމުގަ އެވެ.

މީގެ ކުރިން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އޭނާގެ މައިންބަފައިން ބޭނުންވީ ދެ ދަރިންނަށް ވެސް މަޖާ ނަންތަކެއް ކިޔުމަށެވެ. ލޯލޯ އާއި ބޭބޯ މި ނަން އުފެދިގެން އައި ގޮތަކީ އެއީ އެވެ.

ކަރީނާ ސައިފްއާ އިނދެގެން ދެ ދަރިން ލިބިފައިވާއިރު އެ ދެ ކުދިންނަށް ވެސް ކިޔާފައިވަނީ ވަރަށް ތަފާތު ދެ ނަމެވެ. އެއީ ތައިމުރް އަލީ ޚާންއާއި ޖެހަންގީރު އަލީ ޚާން އެވެ.