ވަރު ބައި އެޓްމޮސްފިއާ ރިސޯޓުގެ ރާ ގުދަނުގައި ރޭ ދަންވަރު ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މާލެ އަތޮޅު އުތުރުގައި އޮންނަ މަތީ ފެންވަރުގެ އެ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިއު ސާވިސް އަށް ލިބުނީ ރޭ ދަންވަރު 2:48 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ފަޔާ އެންޑް ރެސްކިއުގެ ޓީމެއް އެ ރަށަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ފަތިހު 4:30 ހާއިރު ކަމަށެވެ. އެ ރަށަށް ދިޔައީ ފަތިހު ގާތްގަނޑަކަށް 4:00 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ފުރަތަމަ އަލިފާން ރޯވީ އެ ރަށުގައި ރާ ރައްކާކުރާ ގުދަނުގެ ފުރާޅުގައި ކަމަށެވެ. އަދި އޭގެ ފަހުން ރިސޯޓްގެ ވަޑާންގެ އާއި އެތަނާ އިންވެގެން ހުރި ސްޓާފް ކުއަޓާޒުގައި ވެސް ހުޅު ހިފާ އެތަން ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވަރު ބައި އެޓްމޮސްފިއާ ރިސޯޓުގެ ގުދަނާއި ވަޑާންގެ އާއި ސްޓާފް ކުއަޓާޒްގައި ވެސް ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވޭ. އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އިތުރު ތިން ގުދަނެއް ހުރި ނަމަވެސް އެތަންތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ހިއްކައިގެން ތަރައްގީކޮށްފައި ވަރުބައި އެޓްމޮސްފިއާ ރިސޯޓު.

މާލެއިން ފުރައިގެން 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓުގައި ތަފާތު 8 ކެޓަގަރީއެއްގެ 108 ކޮޓަރި ހުރެ އެވެ. އެ ރިސޯޓުގައި ހަތަރު ރެސްޓޯރަންޓާއި ދެ ބާ ހުރެ އެވެ.

ހިއްކައިގެން ތަރައްގީކޮށްފައިވާ އެ ރިސޯޓުގައި މިވަގުތު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ހަތަރު ރިސޯޓެއްގައި ވަނީ އަލިފާނުގެ ހާދިސާތައް ހިނގާ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. އެގޮތުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އޮޅުވެލި ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށުގެ ދެ ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައިވެ އެވެ. އަދި މިދިޔަ މަހުގެ 13 ވަނަ ދުވަހު ހއ. މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ ވަނީ އަނދާފަ އެވެ. އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓުގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގެ އިންޖީނުގެ އަނދައި ހުލިވެފައިވެ އެވެ.