މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިން އާއި އެނގިހުރެ ސައްހަ ނޫން ލިޔުން ދިނުން ހިމެނޭ ގޮތަށް، ކްރިމިނަލް ކޯޓުގައި 23 ދައުވާއެއް އުފުލާފައިވާ މއ. ހަނީސާކަލް، ހުސައިން ޝިފާއު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.

ފިލައިގެން އުޅޭތީ ޝިފާއު ހޯދަން ރެޑް ނޯޓިސް ނެރެފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި މިއަދު އިއުލާނުކޮށްފައިވެ އެވެ.

އޭނާގެ މައްޗަށް ކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމުގެ ތުހުމަތެވެ.

އޭނާއަކީ ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ، ފިލައިގެން އުޅޭކަމުގެ ތުހުމަތުގައި އޭޕްރީލް 18، 2021 ގައި ވެސް ފުލުހުން އޭނާ ހޯދަން އިއުލާންކުރި އެވެ.