މާލޭގައި ހިންދޫ ދީނުގެ ހަރަކާތެއް ކުރިއަށް ގެންދާ މައްސަލައާ ގުޅިގެން އެކަމުގައި ހަރަކާތެރިވި ދެ މީހަކު ފުލުހުން ހައްުޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހިންދޫ ދީނުގެ ފާދިރީއަކު މާލޭގައި "ސްޕިރިޗުއަލް ހީލިން" ކްލާސްތަކެއް ބާއްވަން އިޝްތިހާރުކޮށް އެފަދަ ކްލާސްތަކެއް ހިންގާ މައްސަލަ ފެންމަތިވުމާ ގުޅިގެން އެކަމުގައި އުޅުނު ދެ މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭއަށް މި އިންޑިއާ މީހާ އައިސްފައި ވަނީ ޓޫރިސްޓް ވިސާގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ކަމަކަށްވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ހޮޓަލެއްގައި "ސްޕިރިޗުއަލް ހީލާއެއް"ގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައިވާ ގޮތުން ގަނޭޝް އޭނާގެ ކްލާސްތައް އިޝްތިހާރުކޮށްފައި ވަނީ މީހަކަށް 100 ޑޮލަރަށެވެ. އަދި އެ ކްލާސްތަކުން ހިންދޫ ސްޕިރިޗުއަލް ހީލިން މެދުވެރިކޮށް ދިރިއުޅުމުގެ އެކި މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް އެ ޕޯސްޓުތަކުގައިވެ އެވެ.

އެ އިޝްތިހާރުގައިވާ ގޮތުން އެ ކްލާސްތައް ބާއްވަން ހަމެޖެހިފައި ވަނީ އުނިމާ ގްރޭންޑް ހޮޓަލުގަ އެވެ. އެހެން ނަމަވެސް، މި ނޫހުން އުނިމާ ގްރޭންޑަށް ގުޅުމުން އެ ހޮޓަލުން ބުނީ އެފަދަ އިވެންޓެއް ނުބާއްވާ ކަމަށެވެ.

އުނިމާ އިން އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މީހުން ކޮށްފައިވާ ޕޯސްޓުތަކަކީ އެ ހޮޓަލަށް އެނގިގެން ކޮށްފައިވާ ޕޯސްޓުތަކެއް ނޫން ކަމަށެވެ. އަދި އެ ހޮޓަލްއަށް ޗެކިންވި އިންޑިއާގެ ދެ މީހަކު އެ އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުން ޗެކްއައުޓް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ ރާއްޖޭގައި ހިންދޫ ދީން އުނގަންނައިދޭ ކުލާސްތަކެއް މިފަދައިން އާންމުކޮށް އިޝްތިހާރުކޮށްގެން ބާއްވާ ފުރަތަމަ ފަހަރެވެ.