ރާއްޖޭގައި އުޅޭ ބިދޭސީންނާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް ހަމަލާ ދޭން ސަރުކާރު އަޑީގައި އޮވެގެން ރާވަމުންދާ ކަމަށް ބުނެ، ފަތުރަމުންދާ ޚަބަރު ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ސަރުކާރުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ޓާގެޓް ކޮށްގެން ހަމަލާދީނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ޚިދުމަތަކަށް ލިބިފައެއް ނުވާ ކަމަށެވެ.

އެ މައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން މިފަދަ މައުލޫމާތެއް ލިބިފައިވާކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއް ކަމަށް ބުރަވެވޭ ފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

"އަދި މި މައުލޫމާތު ލިބުނު ފަރާތެއް ހިއްސާކުރުމަށް އުޒުރުވެރިވެފައިވޭ. އެހެންކަމުން މިމައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ޚިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭ،" ފުލުހުން ބުންޏެވެ.

އެފަދަ ދޮގު ޚަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.