އިއްޔެ ބޭއްވި ރޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތުގައި މާލޭގައި ގިނަ އަދަދެއްގެ ފައިސާއާ އެކު ދަބަހެއް ހިފައިގެން އުޅުނު މީހަކު އަތުލައިގަނެ އޭނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާ އެކު ހަރަކާތްތެރިވަމުންދިޔަ މީހަކު އަތުލައިގަތީ ފުލުހުން ކަމަށާއި އެ މީހާގެ މައްސަލަ ފުލުހުން އޭސީސީ އަށް ހުށަހެޅުމުން އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް، އެކަން ކުރި މީހާއާ ގުޅޭ ތަފްސީލެއް އަދި އޭނާ މިހާރު ހުރި ތަނެއް ވެސް އޭސީސީއަކުން ހާމަކޮށްފައެއް ނުވެ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް، އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ހިނގާފައިވެ އެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެގޮތުން އިންތިހާބުގެ %54.04 ވޯޓު ޑރ. މުޢިއްޒަށް ވަނީ ލިބިވަޑައިގެންފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.