މީހެއްގެ އަތުން ފޭރިގަތުމަށްފަހު ސައިކަލުގައި ފިލަން ދުއްވި މީހެއްގެ ސައިކަލު އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއެކްސިޑެންޓު ހިނގާފައި ވަނީ މިރޭ އިރަކޮޅު ލިލީ މަގުގަ އެވެ.

ފުލުހުން ބުނީ ލިލީމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 7:02 ގައި ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓްވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރި ގަތުމަށްފަހު ފިލަންވެގެން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ފުލުހުން ބުނެ އެވެ.

އެސަރަހައްދުގައި ހިނގި އެކްސިޑެންޓްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލެއްގައި އިން މީހަކު މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނެ އެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވީ ކަމެއް ނޭނގެ އެވެ.