ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެ ހައްގުތައް ހޯދައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެެއް ކަމަށާއި މި އަސާސީ ހައްގު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާ އާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށެވެ.
"ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް. މި އަސާސީ ހައްގު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާ އާއި އެހީތެރިކަން ފަހިކޮށްދީގެން. އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަންކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޑރ. މުއިއްޒު ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގާނޫނެއް ފާސްކޮށް، ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާދޭ ފުރަތަމަ މަރުކަޒު ކަމުގައިވާ "ސެންޓާ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ހުޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާޗް 2019 ގަ އެވެ. އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތް ސެންޓަރެއް ފަހުން ގާއިމުކުރި އެވެ. ބަ
އިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހެވެ.