ދޫނިދޫ އާއި ފުނަދުއާ ދޭތެރޭ ކަނޑުމަތިން، މަރުވެފައި އޮއްވައި ފެނުނު މީހާ އަކީ ރޭގެ ވަގުތެއްގައި ރަސްފަންނާ ދިމާލު މޫދަށް ފުންމާލި މީހެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހާ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލި ކަމަށް ރިޕޯޓްކޮށްފައި ވަނީ 19:54 ހާއިރު ކަމަށެވެ.

ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑް ރަން އިން ވަނީ ރެއިން ފެށިގެން ހަރަކާތްތެރިވެފަ އެވެ. މިގޮތުން، އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41،590 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފަ އެވެ.

މި މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށެވެ. އަދި ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:19 ހާއިރު އެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާ އެކު މި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.