ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިން ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ އިދާރާ ހިންގުން އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުސް އޮފީސް ހިންގުން ހަވާލުކޮށްފައިވާ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު މިއަދު ރިޓަޔާ ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، އެ މުއައްސަސާގެ ހިންގުން އަނެއްކާވެސް ފަރުހާދު ފިކުރީއާ ހަވާލުކުރީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަންނާނު އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވީ އޭރު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ސޯލިހުގެ ސަރުކާރުންނެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ފުލުހުންގެ އިދާރާގެ އެންމެ އިސްވެރިޔަކަށް ހުންނެވީ މަންނާނެވެ.

އޭގެ ދެ ދުވަސް ފަހުން މަންނާނު ރިޓަޔާކުރައްވަން ހުށަހެޅުއްވުމުން، އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު އައްޔަނުކުރެވުނެވެ. ނަމަވެސް ދެ ދުވަސް ފަހުން، އަނެއްކާވެސް މަންނާނަށް އެކްޓިން ކޮމިޝަނަރުކަން ދިނެވެ. އޭރު ބެލެވިފައި އޮތީ ދާއިމީ ކޮމިޝަނަރެއް ހަމަޖެއްސެންދެން މަންނާނުގެ ރިޓަޔާމަންޓް ފަސްކޮށް އޭނާ ކޮމިޝަނަރުގެ މަގާމުގައި ހުންނަވާނެ ކަމަށެވެ.

އެހެން ނަމަވެސް މަންނާނު އެ މަގާމުގައި ހުންނެވީ ރޭ 12:00 ހަމައަށެވެ. އެއަށްފަހު އޭނާ ވަނީ އެމަގާމުން ރިޓަޔާ ކުރައްވައިފަ އެވެ.

މަންނާނު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 29 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާ

އެކްޓިން ކޮމިޝަނަރު ފަރުހާދު ހިމެނޭހެން ގިނަ އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި އެވެ. ނަމަވެސް އެ ނިންމުން އެބޭފުޅުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ވަނީ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ރައީސް ޑރ. މުއިއްޒު ޕޮލިސް ބޯޑަށް ގެނައި ބަދަލާއެކު އެ ބޯޑުގެ މެޖޯރިޓީ ސަރުކާރަށް ވަނީ ލިބިފަ އެވެ. އެއާއެކު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އަނބުރާ ގެންދަން ބަންޑާރަ ނައިބުގެ އޮފީހުގައި އެދެން އެ ބޯޑުން ފާސްކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ރައީސް މުއިއްޒު ހަމަޖައްސަވާނެ ކަމަށް ބެލެވެނީ އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ހަމަޖައްސަވާނެ ކަމަށް ބެލެވެނީ އެސިސްޓެންޓް ކޮމިޝަނަރު ކަމުގައި ހުންނެވި މުހައްމަދު ޖަމްޝީދެވެ. އެ ދެ ބޭފުޅުންނަކީ ވެސް ޕޮލިސް ބޯޑުގެ ނިންމުމާ އެއްގޮތަށް ވަޒީފާއިން ވަކިކުރި އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.