ޕީއެންސީގެ ލީޑާޝިޕަށް ފާޑު ވިދާޅުވުމަށްފަހު އެ ޕާޓީގެ ސެނެޓް މެމްބަރަކު ޕާޓީން ވަކިވެއްޖެ އެވެ.

ޕީއެންސީގެ ސެނެޓް މެމްބަރު ޑރ. އަބްދުﷲ އިބްރާހީމް ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި ވަނީ އޭނާ ޕީއެންސީގައި މަސައްކަތް ކުރެއްވީ ދިވެހި ގައުމިއްޔަތާއި އިސްލާމީ ރިވެތި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިންގަވަމުން ގެންދެވި ޕާޓީއެއް ކަމުގައިވާތީ ކަމަށެވެ.

ނަމަވެސް މިއަދު ފެންނަމުން މިދަނީ ފާޅުގައި ރައީސް ޔާމީންގެ އަތުން ޕާޓީ ފޭރިގަނެގެން ޖާހިލިއްޔަތާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަން އިސްކުރާ ފަރާތެއްގެ އަމިއްލަ އެދުންތައް ހާސިލުކުރުމާއި ގައުމިއްޔަތުގެ ތަނބުތައް ފުނޑުފުނޑުކޮށްލުމަށްޓަކައި ގަސްތުގައި ޑިމޮކްރެޓިކް ހަމަތަކުގެ ބޭރުން ރައްޔިތުންގެ ވިންދާ ދެކޮޅަށް ވަކި މީހެއްގެ ދަށަށް ޕާޓީ ގެނެސް ކަންކަން ކުރަމުންދާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާލަތުގައި ޕީއެންސީގައި ދެމިހުރުމަކީ އިސްލާމީ ރިވެތި އުސޫލުތައް ނެގެހެއްޓުމާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި ގައުމިއްޔަތުގެ ރުކުންތައް ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޔާމީންގެ ސިޔާސަތުގެ ތެެރެއިން އޭނާ ވަކާލާތުކުރަމުން އައި ރޫހާ ހިލާފު ކަމަކަށްވާތީ މިއަދުން ފެށިގެން އެ ޕާޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާ ކަމަށް އެ ސިޓީގައިވެ އެވެ.

އަބްދުﷲ އިބްރާހީމް އަންނަނީ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.