ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ކުރާ ހަރަދުތަކުގެ ތަފުސީލް ހާމަކުރަން ރައީސް އޮފީހުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒު ރާއްޖެ އިން ބޭރަށް ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. މިދިޔަ ހަފްތާގެ ކުރީކޮޅު ފެއްޓެވި އެ ދަތުރުފުޅަކީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ތުރުކީގެ ރައީސް އާއި އެ ގައުމުގެ ސަރުކާރުގެ ވެރިންނާ ބައްދަލު ކުރައްވައި އެކިއެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވާފައިވެ އެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި ތުރުކީއާ ދެމެދުގައި ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހި ކުރަން އެއްބަސްވުމެއްގައި ސޮއި ވެސް ކުރި އެވެ.

އޭގެ ފަހުން، ރައީސް މުއިއްޒު މިހާރު ވަޑައިގެން އުޅުއްވަނީ، މިދިޔަ ބުރާސްފަތި ދުވަހު ޔޫއޭއީގައި ފެށި ކްލައިމެޓް ބައްދަލުވުން، ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު އިއްޔެ ތަގްރީރް ވެސް ކުރެއްވެވި އެވެ.

ސަރުކާރުގެ ވެރިން ދަތުރުތަކަށް ދައުލަތުން ކުރާ ހަރަދުތަކެއް މީގެ ކުރިން ހާމައެއް ނުކުރެ އެވެ. އެ މައުލޫމާތުތައް ހޯދަން ބޭނުން ނަމަ ޖެހެނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޯމު ހުށަހަޅައިގެން އެ މައުލޫމާތެއް ސާފުކުރާށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގިނަ ފަހަރު އެ މައުލޫމާތުތައް ދީފައެއް ނުވެ އެވެ.