ވެރިކަން ކުރާ ޕީއެންސީން މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ޕީޕީއެމާ ގުޅިގެން އެ ޕާޓީން މަޖިލީސް އިންތިހާބުގެ ތައްޔާރީތައް ކުރިއަށްގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ނަމަވެސް އެއީ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ ކަމަށެވެ.

ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރެވޭނީ ދެ ޕާޓީގެ މެމްބަރުންގެ އެއްބާރުލުން ލިބިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއީ ގައުމީ ވިސްނުމެއްގައި ކުރެވޭ މަސަައްކަތެއް ވީމާ އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ އެންމެން މި މަސައްކަތުގައި ހަމަހަމަވާނެ،" ރައީސް ވިދާޅުވި އެވެ.

މިހާރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގަ އެވެ. އެމްޑީޕީގެ ސަރުކާރެއް އޮވެ އެ ޕާޓީން ވަނީ 67 ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.