ލ. ދަނބިދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ރޭ ފަތިހު ފަރަށް އަރައިފި އެވެ.

ދަނބިދޫ ކައުންސިލުން ބުނީ ލ.ބެންމާފުށި ފަރަށް "ބަސްމަލާ" ބޯޓު އެރީ ރޭ ފަތިހު ކަމަށެވެ. ބޯޓުގައި ހުރި މުދާތައް ސަލާމަތްކުރުމުގެ މަސައްކަތް ދަނބިދޫ ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

ފަރަށް އެރި އިރު ބޯޓުގައި ތިން މީހުން ދަތުރު ކުރި އެވެ. އެމީހުންނަށް އަނިޔާއެއް ނުލިބެ އެވެ.

ބޯޓުގައި ހުރީ ކިހާ މުދަލެއް ކަމެއް އަދި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި ބޯޓާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.

ބަސްމަލާ ބޯޓު ފަރަށް އެރި އިރު، މާލެ އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓު ވެސް ރޭ ފަރަށް އަރައިގެން އެ ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނ. ދެކެނަންފަރަށް އެ ބޯޓު އެރިއިރު 58 މީހުން ތިބި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.