ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ތަރުޖަމާނަކަށް، ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މުހައްމަދު ޝަހީބު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، 2004 ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ޝަހީބަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން؛ ދިވެހި ބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ޝަހީބު ވަނީ ހާސިލް ކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަހީބު ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ކަން ކުރައްވައިފަ އެވެ. އެ ކޮމިޝަނުގައި ޝަހީބު ހުންނެވި ދުވަސްވަރު، ބައެއް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ފަދަ ނިންމުންތަކުގެ ސަބަބުން ޝަހީބަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ޝަހީބު ވިދާލާފައި ވަނީ ދުވަހު ނޫސް "ހަވީރު"ންނެވެ. އެ ނޫހުގައި އިސް މަގާމުތަކެއް އަދާކުރެއްވުމަށް ފަހުގައި ސަން މީޑިއާގެ ސީއީއޯގެ މަގާމު ވެސް ޝަހީބު އަދާކުރެއްވި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނިކޮށް އޭނާ ވަނީ 2019 އޮކްޓޯބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ "އަދިވެސް" ކިޔާ ނޫހެއް އުފައްދަވައިފަ އެވެ. މިފަހަކާ ޖެހެންދެން އޭނާ ހުންނެވީ އެ ނޫހުގެ ޗީފް އެޑިޓަރުގެ މަގާމުގަ އެވެ.