ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށާއި ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ 3.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ހާމަ ކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 26 އިން މި މަހުގެ 3 ގެ ނިޔަލަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު ހަރަދެއް ދިޔައީ މާލެ އިން ތުރުކީ އަށް، ތުރުކީން ދުބާއީ އަށް އަދި ދުބާއީން މާލެ ވަޑައިގަތުމަށް ޓިކެޓުގެ ހަރަދެވެ. އެ ހުރިހާ ޓިކެޓުގެ ހަރަދަށް 2.4 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އެގޮތުން ފަސްޓް ކްލާސްގެ ހަތަރު ޓިކެޓަށް 683،229ރ. ހަރަދުވި އިރު، ބިޒްނަސް ކްލާސްގެ 12 ޓިކެޓަށް 1.5 މިލިއަން ރުފިޔާ ހަރަދުވި އެވެ. އަދި އިކޮނޮމީ ކްލާސްގެ 12 ޓިކެޓަށް ހަރަދުވީ 232،086ރ. އެވެ.

ތުރުކީ ދަތުރުގެ ޕޮކެޓް މަނީގެ ގޮތުގައި 22 ބޭފުޅުންނަށް 217،828ރ. ވަނީ ހަރަދުވެފަ އެވެ. އަދި އިންސިޑެންޓަލްގެ ގޮތުގައި ހަރަދުވި 41،548ރ. އާ އެކު ޖުމްލަ 259،376ރ. ވަނީ ހަރަދުވެފަ އެވެ.

ތުރުކީގައި ރައީސް މުއިއްޒުގެ ވަފްދުގެ ބޭފުޅުންގެ އެކޮމޮޑޭޝަނާއި ފަރިއްކޮޅު ހަރަދާއި އެތެރޭގެ ހަރަދު ހަމަޖައްސައި ދިނީ ތުރުކީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް ދުބާއީ އަށް ކުރެއްވި ދަތުރުފުޅަށް ބަލާ އިރު، ޕޮކެޓް މަނީގެ ގޮތުގައި 19 ބޭފުޅުންނަށް 182،546ރ. ހަރަދުވެފައިވާ އިރު، ފަރިއްކޮޅު ހަރަދުގެ ގޮތުގައި ނުވަ ބޭފުޅުންނަށް 145،944ރ. ވަނީ ހަރަދުވެފަ އެވެ. ދަތުރުފަތުރަށް 75،488ރ. ހަރަދުވި އިރު، ނުވަ ބޭފުޅެއްގެ އެކޮމޮޑޭޝަނަށް 168،892ރ. ވަނީ ހަރަދުވެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދުބާއީ ދަތުރުފުޅުގައި ހިމެނޭ 10 ބޭފުޅަކަށް އެކޮމޮޑޭޝަން ހަމަޖައްސައި ދިނީ ދުބާއީ ސަރުކާރުންނެވެ.

ސިމް ކާޑް ގަތުމަށް 26،412ރ. ހަރަދުވި އިރު، ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމަށް 155،182ރ. ހަރަދުވި އެވެ. އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 20،766ރ. ހަރަދުކޮށްފައިވެ އެވެ.

ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ ހަރަދުވެފައި ވަނީ 775،232ރ. އެވެ.