ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯސަލްގެ ގޮތުގައި ލިބިފައި ވަނީ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުއާ ގުޅޭ ޕްރޮޕޯސަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ހޮޓެލް ޖެންގައި ބޭއްވި ބިލްޑާސް އެވޯޑް ހަފްލާގައި ރައީސް ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން އެސްއީޒެޑް އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޕްރޮޕޯސަލްއަކީ އިއާދަކުރަނިވި ހަކަތައިން 110 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އުފަލާ އެކީގައި ދަންނަވާލަން ފުރަތަމަ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯސަލްއަކީ ވެސް ރިނިއުބަލް އެނާޖީގެ ދާއިރާ އިން 110 މެގަވޮޓް ހާސިލްވެގެންދާ އެސްއީޒެޑްގެ ޕްރޮޕޯސަލްއެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ ދާދިފަހުން ބޭއްވި ކޮޕް 28 އަށް ފަހު، އެ ބައްދަލުވުމުގައި ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދުނިޔޭގެ އެއްވެސް ގައުމަކުން ފަށައި ފުރަތަމަ މަސައްކަތެވެ. މިކަމަކީ ވެސް ކޮންސްޓްރަކްޝަން ދާއިރާއިން އެކިއެކި ދައުރުތައް އަދާކުރެވޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އިތުރު އިންވެސްޓްމަންޓުތައް ގެނައުމަށް އެސްއީޒެޑްގެ ފުރުސަތު ވަނީ ތަންމިނަށް ހުޅުވާލައިފައެވެ. އެހެންވެ، އެކަމުގައި ވަރުގަދަ މަސައްކަތްތަކެއް ކުރެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްތައް ބަލްކުކޮށް ގެނެސް، އެސްއީޒެޑް ސްޓޭޓަސް ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ރާއްޖޭގައި ބަލްކް ސްޓޯރެޖް ފަށައި، ސްޓޯ ކޮށްގެން ރީ-އެކްސްޕޯޓް ކުރަންވީ،" ރައީސް ވިދާޅުވި އެވެ.

އެސްއީޒެޑްގައި ހިންގާ މަޝްރޫއެއްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 100 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ. މީގެ ކުރިން އެސްއީޒެޑްގައި ހިންގާ މަޝްރޫއަކަށް އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭ މިންވަރަކީ 150 މިލިއަން އެމެރިކާ ޑޮލަރެވެ.

އެސްއީޒެޑްގައި ހިންގާ މަޝްރޫއުގެ ތެރެއިން މިއަދު ރައީސް މުއިއްޒު ނެރުވި ގަރާރުން ވަނީ "ގޭސް އެކްސްޕްލޮރޭޝަން (ތެޔޮ ހޯދުން)" އަދި "އިއާދަކުރަނިވި ހަކަތަ" ވަކިކޮށްފަ އެވެ. މި ލިސްޓަށް އިތުރުކޮށްފައިވަނީ "ފުޑް ސެކިއުރިޓީ" ބައި އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގޭނެ ދާއިރާތަކާއި އެފަދަ މަޝްރޫއުތަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު، ރައީސް ކަނޑައެޅުއްވީ 2014 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި އެސްއީޒެޑް ގާނޫނުން ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.