ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ހަބަރުތައް ގެނެސްދިނުން އެއްވެސް ސަބަބެއް އެންގުމެއް ނެތި ރައީސް އޮފީހުން ކުއްލިއަކަށް ހުއްޓާލައިފި އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެކުރިން ބޭފުޅުން އައްޔަނު ކުރައްވާ ދުވަހު، ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ބޭފުޅުންގެ ނަމާއި އެޑްރެހާއި އައްޔަނުކުރި މިނިސްޓްރީ އެނގޭނެ ހެން ހުރިހާ ތަފްސީލްތަކެއް ހާމަ ކުރެ އެވެ.

ނަމަވެސް, މިފަހުން އެފަދަ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފަ އެއް ނުވެ އެވެ. އެކަމާ ބެހޭ ގޮތުން ރައީސް އޮފީހުން މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު، ކޮންމެ ބުރާސްފަތި ދުވަހެއްގައި ބާއްވަވަމުން ގެންދަވާ ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވެސް އެކަށީގެންވާ ޖަވާބެއް ޝަހީބު ނުދެއްވަ އެވެ.

ރައީސް އޮފީހުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު ހިމެނޭ ހަބަރެއް އެންމެ ފަހުން ޖެހީ މި މަހުގެ 13 ގަ އެވެ. އެ ދުވަހު އެކަނި ވެސް 14 ބޭފުޅަކު ސިޔާސީ އެކިއެކި މަގާމުތަކަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން، ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ހަބަރު ޖަހާފައެއް ނުވެ އެވެ.

އެކަމަކު، ރައީސް އޮފީހުގެ ވެބްސައިޓުގައި ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އޭގައިވާ ގޮތުން ނަމަ، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އެކަނި ވެސް 80 ބޭފުޅުން އައްޔަން ކުރައްވާފައިވެ އެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 120 އަށް ވުރެ ގިނަ ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ.

މީގެއިތުރުން، މިނިސްޓަރުން ފެންވަރުގައި ވެސް 42 ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަން ރައީސް އޮފީހުގެ ވެބްސައިޓުން އެނގެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި 47،000ރ. ލިބިވަޑައިގަންނަވާ އިރު، ޑެޕިއުޓީ މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި މަހަކު 35،000ރ. ލިބިވަޑައިގަންނަވަ އެވެ. އަދި މިނިސްޓަރުން ފެންވަރުންގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 60،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ނިންމަވާފައި ވަނީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެ އަދަދު ފަހަނައަޅައި ދިއުމަކީ މިހާރު ވަރަށް ގާތް ކަމެކެވެ. އެއީ މިނިސްޓްރީތަކުގައި އާ ސިޔާސީ މަގާމުތަކެއް އުފައްދަމުން ގެންދާތީ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ސިޔާސީ މަގާމުތައް އަދި 700 އަށް ނޭރި ކަމުގައި ވިޔަސް، މިނިސްޓަރުން ފެންވަރުގައި ގިނަ އަދަދެއްގެ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރައްވައި އެ ބޭފުޅުންގެ މުސާރަ އަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

މި މަގާމުތަކުގެ އިތުރުން ސަރުކާރުން ވަނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ވެސް މަގާމުތަކެއް އުފައްދައިފަ އެވެ. ނަމަވެސް, އެ މަގާމުތަކަށް އައްޔަނުކުރި މީހުންނާއި އެ މީހުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލުތަކެއް ސަރުކާރުން ހާމަނުކުރެ އެވެ. އެކަމަކު، ބައެއް މިނިސްޓްރީތަކުން ދަނީ އެ ބޭފުޅުންނަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޝާއިއު ކުރަމުންނެވެ.