މާލެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި މާލޭގެ ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ރެއިން ފެށިގެން މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ގެތަކަށާއި ފިހާރަތަކަށް ވަދެ ގެއްލުންތަކެއް ލިބިފައިވެ އެވެ. ފެން ހިއްކުމުގެ މަސައްކަތް ސިފައިން މިހާރު ވެސް ދަނީ ކުރަމުންނެވެ.

ރައީސް ވަނީ އެންމެ ބޮޑަށް ގެއްލުންވި ގެތަކަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައި، އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވައިފަ އެވެ. ރައީސްގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ވަނީ ވަޑައިގެންފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން އދ. އަތޮޅަށް އަށް އޮރެންޖެ އެލާޓް ނެރެފަ އެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އެންޑީއެމްއޭ އިން ބުނީ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ފ. ނިލަންދު އާއި ކ. ގުރައިދު އާއި ލ. ގަމާއި އެ ރަށާ ގުޅިފައި އޮންނަ ފޮނަދޫ އަދި އައްޑޫ މަރަދޫ އިން ލިބިފައިވާ ކަމަށެވެ.