ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ގާނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފެއްޓުން" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ތިން ރިހެބިލިޓޭޝަން ސެންޓަރު އަޅާނީ ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. އަތޮޅުގަ އެވެ.

ރާއްޖޭގައި މިހާރު ވެސް ތިން ރިހެބިލިޓޭޝަން ސެންޓަރެއް ސަރުކާރުން ހިންގަމުންދެ އެވެ. އެއީ ކ. ހިންމަފުށި، ހުޅުމާލޭގެ ހާފްވޭ ހައުސް އަދި މާލޭގައި ހިންގާ ސެންޓަރެވެ.