މެދުރާއްޖެތެރޭގެ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ދަށުން، ކ. ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކުރާނެ މައި ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ، މީގެ ކުރިން އެއްވެސް ނިޒާމެއް ނެތި މޫދަށާއި ފަޅަށް ކުނި އަޅަމުންދިޔަ ތިލަފުށި މިހާރު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން ދާއިރު، މި އާ ފެސިލިޓީގެ ސިވިލް ކޮންސްޓްރަކްޝަން މަސައްކަތުގެ 40 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހަމައެއާއެކު ކުނިން ހަކަތަ އުފެއްދުމަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތަކުގެ އެމިޝަން ކޮންޓްރޯލް ނިޒާމަކާ އެކު ފަރުމާކޮށްފައިވާ މި މަރުކަޒަށް ބޭނުންވާ އިންސިނެރޭޓަރު ވެސް މިހާރު ވަނީ ރާއްޖެ ގެނެސް ތިލަފުށްޓަށް ބާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. މި ފެސިލިޓީން ކުނި އެންދުމަށްފަހު އުފެދޭ ބޮޓޮމް އޭޝް ޓްރީޓްކޮށް، ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންކުރެވޭނެހެން ބާޒާރަށް ނެރުމަށް ވެސް ރޭވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި މި ފެސިލިޓީ ހިންގަން ފެށުމުން ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށްގެން 13 މެގަވޮޓްގެ ކަރަންޓް އުފައްދާނެ ކަމަށާއި، އޭގެ ތެރެއިން 10 މެގަވޮޓްގެ ކަރަންޓް މައި ގްރިޑާ ގުޅާލެވޭނެ ކަމަށް މުރުތަޟާ ވިދާޅުވި އެވެ.

ރާއްޖޭގައި އަހަރަކު އުފައްދާ 517,000 ޓަނުގެ ކުނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު، ތިލަފުށީގެ މި މަރުކަޒުގެ ސަބަބުން ގްރޭޓަ މާލޭ ސަރަހައްދުގެ އިތުރުން ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުރި ހުރިހާ ރަށެއްގެ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވޭނެ އެވެ.