ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އަންނަ ހަފުތާގައި އިއުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މި އަހަރު ބާއްވާ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހު އަންނަ ހަފްތާގައި އިއުލާނު ކުރައްވާނެ ކަމަށެވެ.

އިންތިހާބާ ބެހޭ ގޮތުން މި ހަފުތާގައި ބޭއްވި ޖަލްސާގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާއްމު ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު މި އަހަރުގެ ރަމަޟާން މަހާ ދިމާވާތީ، އިންތިހާބު އަވަސްކުރުމަށް އީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނެވެ. ނަމަވެސް އެ ކޮމިޓީން ލަފާ އެރުވީ ޤާނޫނުގައި ބުނާ މުއްދަތު ރަމަޟާން މަހަށް ފަހު ވެސް ލިބޭތީ، ރަމަޟާން މަސް ނިމުމުން އިންތިޚާބު ބޭއްވުމަށެވެ.

މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ. އިތުރު ހަ ދާއިރާ މި މަޖިލީހުގައި ހިމެނުމަށް އީސީން ނިންމީ އާބާދީއަށް ބެލުމަށްފަހު އެވެ. އެގޮތުން މާލެ ސިޓީއަށް ދެ ގޮނޑި، އައްޑޫ ސިޓީއަށް ގޮނޑިއެއް ބ. އަދި ލ. އަތޮޅަށް ގޮނޑިއެއް، މާލެ އަތޮޅަށް ގޮނޑިއެއް އަދި ގއ. އަތޮޅަށް ގޮނޑިއެއް ވަނީ އިތުރުކޮށްފަ އެވެ.

މަޖިލިސް އިންތިހާބުގެ ތައްޔާރީތައް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ގިނަ ޕާޓީތަކުން މިހާރު ވަނީ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.